ސިޓީ ކައުންސިލުގެ 14 ބިން ދައުލަތަށް ނެގުމާ ދެކޮޅު ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

މާލެ ސިޓީ ކައުންސިލުގެ ބެލެނިވެރިކަމުގައި ހުރި 14 ބިމެއް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރަން ހައުސިންގ މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ބޭރުކޮށްލައިފިއެވެ.

މި ގަރާރު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް އެވެ.

މިއަދުގެ ޖަލްސާގައި ގަރާރަށް ބަހުސްކުރަން ފެނޭތޯ ވޯޓަށް އެހުމުން، ބަހުސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. ނުފެންނަ ކަމަށް 52 މެންބަރުން ވޯޓުދެއްވުމުން ގަރާރު ވަނީ މަޖިލީހުގެ ތަޅުމުން ބޭރުވެފައެވެ.

ގަރާރުގައިވާ ގޮތުން، ޤައުމީ މަޝްރޫޢުތަކަށް ކައުންސިލެއްގެ ސަރަޙައްދުން ބިން ނެގުމުގެ ބާރު ލާމަރުކަޒީ ޤާނޫނުން ވަޒީރުންގެ މަޖިލީހަށް ލިބިދީފައިވި ނަމަވެސް، ބިން ވަކިކުރުމުގެ ކުރިން ހިންގާ މަޝްރޫޢުގެ ތަފުސީލު ކައުންސިލާ ހިއްސާކޮށް، ކައުންސިލުގެ ޚިޔާލު ހޯދަން ޤާނޫނުގައި ލާޒިމުކޮށްފައިވެއެވެ.

ނަމަވެސް ހައުސިންގ މިނިސްޓްރީން މި ނިންމުން ނިންމީ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް، ބިންތަކުގައި ހިންގާނެ މަޝްރޫޢުތަކުގެ ނަން ފިޔަވައި އިތުރު ތަފުސީލެއް ހާމަނުކޮށް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އަދި މި ބިންތަކަކީ މިސްކިތްތައް ބެލެހެއްޓުމާއި ކައުންސިލުގެ އިދާރީ ހިންގުމުގެ ޚަރަދުތަކަށް ކައުންސިލަށް އާމްދަނީ ލިބެމުން އަންނަ ބިންތަކެއް ކަމުން، އެ ބިންތައް ނެގުމުން ކައުންސިލުގެ މާލީ ހާލަތަށް ގެއްލުން ލިބޭނެ ކަމަށް ވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މީކާއީލް ފާހަގަކުރައްވާފައިވާ ގޮތުގައި، މި ނިންމުމަކީ ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭ ނިންމުމެކެވެ.

މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭ ގޮތަށް މާލޭގެ 14 ބިމެއް ސިޓީ ކައުންސިލުގެ އިޚްތިޞާޞުން ވަކިކުރަން ނިންމިކަން ހައުސިންގ މިނިސްޓްރީން އިޢުލާނުކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ނިންމުން ތަންފީޒުކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި، ސިޓީ ކައުންސިލުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ރިއެކްޝަންސް

ކޮމެންޓް