ހއ. އިހަވަންދޫގައި ތަރައްޤީކުރާ ފިޝް ކަލެކްޝަން ސެންޓަރުގެ ބަނދަރު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ޝީޓް ޕައިލްގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރުގެ 50,221 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރާނެއެވެ. މީގެ އިތުރުން 129 މީޓަރުގެ ޝީޓް ޕައިލް އެއްގަމުތޮށްޓަކާއި 66 މީޓަރުގެ އެލް-ބްލޮކް އެއްގަމުތޮށްޓެއް ލުމާއި، 42 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 3,437 އަކަމީޓަރުގެ ޕޭވްމަންޓް ހެދުން ވެސް މި މަސައްކަތުގައި ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން، އުތުރުގެ ގިނަ މަސްދޯނިފަހަރަށް އިހަވަންދޫގައި މަސް ކިރުވޭނެ ފުރުޞަތު ލިބި، މަސް ކިރުވަން މާލެ ސަރަޙައްދަށާއި ޅ. ފެޅިވަރަށް ކުރަންޖެހޭ ދަތުރުތައް މަދުވެގެންދާނެއެވެ.




