ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓި ބަންކަރިންގެ ހިދުމަތުން މިހާތަނަށް 90.07 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި، ބަންކަރިންގެ ހިދުމަތާ ގުޅޭ ގޮތުން ކިޔާ ފާޑުކިޔުންތަކަށް މިއަދު ރައްދުދެއްވަމުންނެވެ.
ބަންކަރިންގެ ހިދުމަތުން 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަޢީދު މީގެ ކުރިން ވިދާޅުވުމާ ގުޅިގެން، މި މަޝްރޫޢާ މެދު ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އެކަމާ ގުޅޭ ގޮތުން ސަޢީދު ވިދާޅުވީ، 90.07 މިލިއަން ޑޮލަރު ލިބިފައި މިވަނީ ހަމައެކަނި ދެ ބޯޓު ހިދުމަތަށް ނެރެގެން ކަމަށެވެ. ބޮޑެތި ކަންކަން ވާނީ ބޮޑެތި މަސައްކަތްތަކެއް ކޮށްގެން، ގިނަ ދުވަހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވި ގޮތުގައި، ބަންކަރިންގެ ހިދުމަތުގެ 70.31 އިންސައްތައަކީ ލޯ ސަލްފާ ފިއުލް ވިއްކުމެވެ. ޑްރެޖަރުތަކަށް ލޯ ސަލްފާ ފިއުލް މީގެ ކުރިން އަޅަމުން ދިޔައީ ކައިރި ގައުމުތަކުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ބަންކަރިންގެ ހިދުމަތް ދެމުން އަންނަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިންނެވެ.




