ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް އަގު ބޮޑެއް ނޫން: ސާފް

ބަންގްލަދޭޝްގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޓިކެޓް އަގު ބޮޑުވެގެން ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، މުބާރާތަށް ކުރަންޖެހޭ ހަރަދަށް ބަލާއިރު ޓިކެޓް އަގު ބޮޑެއް ނޫން ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބުނެފިއެވެ.

މި މުބާރާތުގައި ޓިކެޓް ވިއްކަނީ އެއް ދުވަހެއްގައި ކުޅޭ ދެ މެޗަށް ގަނޑުކޮށް 1،000 ޓަކާ (ބަންގްލަދޭޝް ފައިސާ) އަށެވެ. މިއީ މެޗަކަށް 500 ޓަކާއެވެ. ނަމަވެސް ސަޕޯޓަރުންގެ ކަންބޮޑުވުމަކީ ވަކިވަކި މެޗުތަކަށް ޓިކެޓް ނުވިއްކައި، ދެ މެޗުގެ އަގު ދައްކަން ޖެހުމެވެ.

ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރޮޝޮޓަމް ކަޓޭލް ވިދާޅުވީ، ޓިކެޓް އަގު ބޮޑުވި މައިގަނޑު ސަބަބަކީ މުބާރާތް ބޭއްވުމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވުން ކަމަށެވެ. ކޮވިޑަށް ފަހު ވައިގެ ދަތުރުތަކާއި ހޮޓާތަކުގެ އަގުތައް ވަނީ އުފުލިފައެވެ.

މި ފަހަރުގެ މުބާރާތުގައި ވީއޭއާރު ބޭނުންކުރުމާއި ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި، ސަޕޯޓަރުން ހޭދަކުރާ ފައިސާއާ އެއްވަރުގެ ތަޖުރިބާއެއް ދަނޑުން ލިބޭނެ ކަމަށް ވެސް ކަޓޭލް ވިދާޅުވިއެވެ.

ކޮންމެ ރަނގަޅު ކަމެއްގައި ވެސް އަގެއް ހުންނާނެ ކަމަށާއި، ޓިކެޓް އަގު ކަނޑައަޅާފައިވަނީ ބަންގްލަދޭޝް އެންމެ ފަހުން އޭޝިއަން ކަޕުގައި ކުޅުނު މެޗުތަކަށް ބަލައިގެން ކަމަށް ސާފުން ބުނެފައިވެއެވެ. ދެ މެޗު ދެމެދު ލިބޭ ވަގުތު ކުޑަވުމާއި އިންތިޒާމީ ދަތިތަކާ ހުރެ، ވަކިވަކި މެޗުތަކަށް ޓިކެޓް ވިއްކުމަކީ ނުކުރެވޭނެ ކަމެއް ކަމަށް ވެސް ސާފުން ބުނީއެވެ.

މި މައްސަލައިގައި ބަންގްލަދޭޝްގެ ކުޅިވަރާ ބެހޭ ސްޓޭޓް މިނިސްޓަރު، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އަމީނުލް ހައްގު ވިދާޅުވީ، ޓިކެޓް އަގު ކަނޑައަޅަނީ ސާފުން ކަމަށާއި، އަގު ކުޑަކުރެވޭނެ ގޮތެއް އޮތްނަމަ އެކަން ކޮށްދިނުމަށް ސާފުގައި އެދޭނެ ކަމަށެވެ.

ރިއެކްޝަންސް

ކޮމެންޓް