ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބު މުގައްރިރަކަށް ފަޒާދު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމަށް މަޖިލީހުގެ ނައިބު ރައީސް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ނައިބު މުގައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އިންތިހާބުކޮށްފިއެވެ.

މި ދެ ބޭފުޅުން އެ މަޤާމުތަކަށް އިންތިހާބުކުރީ، ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ދެ ބޭފުޅުންގެ ނަންތައް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްއެވެ. އަދި ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.

އަންނަ އަހަރުގެ ބަޖެޓު ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އޮކްޓޫބަރު 29 ގައެވެ.

ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމުގައި ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފައެވެ.

ރިއެކްޝަންސް

ކޮމެންޓް