ހިލޭ ޑިގްރީއާއި ލޯނަށް ބަޖެޓުން 787 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅައިފި

ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ އަދި ސްޓޫޑެންޓް ލޯނު ދޫކުރުމަށް 651 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ފާގަތި ގައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި އިލްމު ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތައުލީމެއް ލިބޭނެ މަގު ފަހިކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. Mީގެ ތެރޭގައި ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލްތަކުގެ އިތުރުން ލެބޯޓްރީތަކާއި މަތީ ތައުލީމަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.

އޭގެއިތުރުން، އިންކްލޫސިވް އެޑިއުކޭޝަން ނުވަތަ އެކުވި ތައުލީމީ ނިޒާމު ވަރުގަދަކުރުމަށްޓަކައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށް ބަޖެޓުގައި އިސްކަންދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަރީރު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ އަދި ސްޓޫޑެންޓް ލޯނު ފެސިލިޓީ ދޫކުރުމަށް 651 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

ރިއެކްޝަންސް

ކޮމެންޓް