ތެލުގެ ސަބްސިޑީއަށް މި އަހަރުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށާއި، އަންނަ އަހަރު އެ އަދަދު 3.2 ބިލިއަން ރުފިޔާއަށް ދަށްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިގެން ދިޔަ ކަމަށާއި، އެއާއެކު ދައުލަތުގެ ހަރަދުތައް ބޮޑުތަނުން އުފުލިގެން ގޮސްފައިވާ ކަމަށެވެ.
"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާ އެކު، ކަރަންޓު އުފެއްދުމާއި މުދާ އުފުލުމާއި އާންމު ދިރިއުޅުމުގެ އެންމެހައި ހަރަދުތަކަށް މިކަމުގެ އަސަރު ކުރޭ. މިގޮތުން ދުނިޔޭގެ އެހެން ޤައުމުތަކުގައި ތެލާއި ކަރަންޓުގެ އަގު އުފުލުމުން، އެތައް ޤައުމެއްގައި 24 ގަޑިއިރު ކަރަންޓު ފޯރުކޮށް ނުދެވި، ރައްޔިތުންނަށް ތަކުލީފުތައް ކުރިމަތިވަމުންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއެރުމެއް ނެތި، ވިޔަފާރި ހަރަކާތްތައް ކުރިއަށް މިދަނީ ސަރުކާރުން ތެލުގެ އަގުތައް އުފުލުމުގެ އަސަރު ކުޑަކޮށްދީގެން ކަމަށެވެ. ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަގުސަދުގައި ދެމުންދާ ފިއުލް ސަބްސިޑީގެ ހަރަދު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މިގޮތުން، ފިއުލް ސަބްސިޑީގެ ގޮތުގައި މި އަހަރުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ހަރަދު ވާނެކަމަށް ބެލެވޭ. އެހެންނަމަވެސް، މާލީ އިދާރާތަކުގެ ތެލުގެ ފޯކާސްޓްތަކަށް ބަލާއިރު، އަންނަ އަހަރު ތެލުގެ އަގު ދަށްވާނެ ކަމަށް އެ އިދާރާތަކުން އަންދާޒާ ކުރޭ. އެހެންކަމުން، 2027 ވަނަ އަހަރު ދައުލަތުން ފިއުލް ސަބްސިޑީއަށްކުރާ ހަރަދު 3.2 ބިލިއަނަށް ދަށްވާނެ ކަމަށް ބެލެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ތެލާއި ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުމަށް ކޮންމެ އަހަރަކު ވެސް ދައުލަތުން ބޮޑު ހަރަދެއް ކުރެއެވެ. މި އަހަރު ސަބްސިޑީއަށް ބަޖެޓް ކުރީ 2.89 ބިލިއަން ރުފިޔާ ނަމަވެސް، މި މަހުގެ 15ގެ ނިޔަލަށް ސަބްސިޑީ ހަރަދު ވަނީ 4.3 ބިލިއަނަށް އަރައިފައެވެ.
މިދިޔަ ފެބުރުވަރީ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ތެރޭގައި ހޮރުމުޒު ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ ހަރަދު ވަރަށް ބޮޑަށް އުފުލުނެވެ. އެއާއެކު ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު އުފުލުނު ނަމަވެސް، ފަހުން އަގު ވަނީ ދަށްކޮށްފައެވެ.




