މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފިސްކަލް މެންޑޭޓް އަންނަ އަހަރު ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފިކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިކަން މިނިސްޓަރު ޒަރީރު ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތަފުސީލު ހާމަކުރައްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށާއި، އެ ސިޔާސަތުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން، ކަސްޓަމްސްގެ ފިސްކަލް މެންޑޭޓް ފިނޭންސް މިނިސްޓްރީން ބެލެހެއްޓުމަށް ބަދަލުކުރުމަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކަސްޓަމްސްއިން ނަގަން ހަވާލުވެފައިވާ ފައިސާގެ ތެރޭގައި އިމްޕޯޓް ޑިއުޓީއާއި ބޯޑަރުން ނަގާ ޖީއެސްޓީގެ އިތުރުން ތަފާތު އެކި ފީތައް ހިމެނެއެވެ.
މި ނިންމުން ނިންމީ، ކަސްޓަމްސްއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރިކަން ފެންނަން ފެށި ދަނޑިވަޅެއްގައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ނެރުނު ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަން ރުފިޔާ ލިބިފައެއް ނުވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް އެ އަދަދުގެ ތެރެއިން ލިބިފައިވަނީ އެންމެ 10,164,272 ރުފިޔާއެވެ. އަދި ނުލިބި ހުރި ފައިސާގެ ތެރެއިން 162.9 މިލިއަން ރުފިޔާއަކީ ކޯޓުތަކުން އެ ފައިސާ ދެއްކުމަށް ހުކުމްކޮށް، ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ހުރި ފައިސާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނުލިބި ހުރި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 435.8 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޖޫރިމަނާގެ ގޮތުގައި 21.1 މިލިއަން ރުފިޔާއާއި، ރެވެނިއު ފީގެ ގޮތުގައި 1.9 މިލިއަން ރުފިޔާއާއި، ރޯޔަލްޓީގެ ގޮތުގައި 1.9 މިލިއަން ރުފިޔާ އަދި ބޮންޑް ފީއާއި ޕްރޮސެސިން ފީ ފަދަ ފީތަކުގެ ގޮތުގައި 92,203 ރުފިޔާ ލިބެންޖެހޭ ކަމަށް އޮޑިޓުގައިވެއެވެ.
ސަރުކާރުން އަމާޒުކޮށްފައިވަނީ ކަސްޓަމްސްގެ ފިސްކަލް ސިޔާސަތުތައް ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް، ދައުލަތަށް ލިބެންޖެހޭ މިފަދަ އާމްދަނީތައް ފުރިހަމައަށް ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށެވެ.




