ތުރުކީވިލާތުގެ 103 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތުރުކީގެ ރައީސް އުރްދުޣާނަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިއީ ތުރުކީވިލާތުގެ އެއްބައިވަންތަކަމާއި ވިލުންތެރިކަން ރަމްޒުކޮށްދޭ ދުވަހެކެވެ. އަދި އެ ގައުމުގެ ސިޔާދަތާއި، ތަރައްގީ އާއި ގައުމީ އަސާސްތައް ދެމެހެއްޓުމުގައި ގަރުނަކަށްވުރެ ގިނަ ދުވަސް ކަޑައްތުކޮށްފައިވާކަން މި މުނާސަބަތުން ދައްކުވައިދޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އޮތް އިހުތިރާމާއި އެކުވެރިކަން އިތުރަށް ބަދަހިވެ، ގުޅުން ވަރުގަދަވެފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މިއަހަރުގެ ނޮވެމްބަރު މަހު ތުރުކީގެ އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 ބައްދަލުވުމުގެ ހައި-ލެވެލް ސެގްމެންޓްގެ ތެރެއިން ރައީސް އުރްދުޣާނާ ބައްދަލުވެވަޑައިގަންނަވާނެ ކަމުގެ އުއްމީދު އާ ކުރައްވަމުންނެވެ. އަދި އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާމެދު މަޝްވަރާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




