ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް މީހަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ބުނީ، މި އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ކުރިން އެ މަޤާމުގައި ހުންނެވި ވ. ތިނަދޫ، ދިލްބަހާރުގެ، ޝުޖާއު އަލީ ކަމަށާއި ޕީއެންސީގެ ފަރާތުން ވާދަކުރަނީ ވ. ތިނަދޫ، ނަޔާ، އަޙްމަދު އަމަން މުޙައްމަދު ކަމަށެވެ. އީސީން މިއަދު ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިޢުލާނުކޮށްފައެވެ.
މި ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙްމަދު އަމަން މުޙައްމަދަކީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ތިނަދޫ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ.
ޝުޖާއު އަލީ ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގަތީ "ދަ ޑިމޮކްރެޓްސް" ގެ ޓިކެޓުގައެވެ. ނަމަވެސް އެ ޕާޓީ އުވާލުމާ ގުޅިގެން އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް އިންތިޚާބުވާ މީހަކު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ، އެ މީހެއްގެ ކައުންސިލަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމީ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ދީފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ އިތުރުން، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކު ހޮވުމުގެ އިންތިޚާބު ވެސް އެ ދުވަހު ބާއްވާނެއެވެ. އީސީން ބުނީ، އެ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރާނީ އަމިއްލަ ކެންޑިޑޭޓު ޒީނާ އަހުމަދާއި އެމްޑީޕީގެ ކެންޑިޑޭޓު ރިސްފާ ނަސީމް ކަމަށެވެ.
އަދި ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށާއި ނ. ކުޑަފަރީ އަދި ސ. ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ވެސް ނޮވެމްބަރު 28 ގައި ބާއްވާނެ ކަމަށް އީސީން ބުނެފައިވެއެވެ.




