ތުޅާދޫ 100 ހައުސިން ޔުނިޓުގެ ޕޮއިންޓް އާންމުކޮށްފި

ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ނިމި، ލިބިފައިވާ ޕޮއިންޓު "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފޯމުތައް ވެރިފައިކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އެހެންކަމުން، އާންމުންނަށް "ހިޔާވެހި" ޕޯޓަލަށް ލޮގިންވުމަށްފަހު އެމީހަކު ހުށަހެޅި ފޯމަށް ލިބިފައިވާ ޖުމްލަ ޕޮއިންޓު ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

ލިބިފައިވާ ޕޮއިންޓާ ގުޅޭގޮތުން ނުވަތަ އެނޫންވެސް އިތުރު ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހަޅަންޖެހޭނީ ހަމައެކަނި "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރު 16 ވަނަ ދުވަހުގެ މުއްދަތު ހަމަވާނީ އެދުވަހުގެ މުއްދަތު ހަމަވާ ގަޑި (14:00) އަށެވެ.

ޕޯޓަލް ނޫން އެހެން އެއްވެސް މަގެއް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ނަންބަރު 4004900 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

ރިއެކްޝަންސް

ކޮމެންޓް