އެސްޓީއޯއަށް ތިންވަނަ ކުއާޓަރުގައި 281 މިލިއަން ރުފިޔާގެ ސާފު ފައިދާ

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މި ހިސާބުތައް ހާމަކޮށްފައިވަނީ މިއަދު އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކުރި ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.48 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 7 އިންސައްތައިގެ ދަށްވުމެކެވެ.

އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން މި ކުއާޓަރުގައި ތެލުގެ އަގު ދަށްވުމެވެ. ނަމަވެސް، ކުރީ ކުއާޓަރާ އަޅާބަލާއިރު ވިކުނު ތެލުގެ އަދަދު ވަނީ އިތުރުވެފައެވެ.

ތެލުގެ އިތުރުން ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މި ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 738 މިލިއަން ރުފިޔާ ލިބިފައެވެ.

މީގެއިތުރުން، މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެކެވެ. ހިންގުމުގެ ފައިދާ އިތުރުވި މައިގަނޑު ސަބަބަކީ ކުންފުނީގެ މެޑިކަލް ސެގްމަންޓް ރީސްޓްރަކްޗަރ ކުރުމާ ގުޅިގެން ހަރަދުތައް ކުޑަކުރެވި، ކުންފުނީގެ އެހެނިހެން ހަރަދުތައްވެސް ހިފެހެއްޓިފައިވުމެވެ.

އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 352 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލީ ހިސާބުތަކާއެކު އެސްޓީއޯއިން ނެރުނު ބަޔާނުގައި، އެ ކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިން ބަހައްޓަވާ ގާތްކަމަށާއި، ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އެފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް