ޏ. ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، އާސިމީމަންޒިލް، އަޙްމަދު އަފާފު ޢާރިފް (32އ) އާއި ޏ. ފުވައްމުލައް، ދޫޑިގަން، ލާލުގެ، އަޙްމަދު ވިޝާން (37އ) ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުވައްމުލަކުގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.




