ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ހޯރަފުށީ މީހަކު 20 އަހަރަށް ޖަލަށް

ޢުމުރުން ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެ، ހއ. ހޯރަފުށީ މީހަކު 20 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހއ. ހޯރަފުށި، ހުދުހުދާގެ، މުޙައްމަދު ނާއިޝް އާދަމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައެވެ. ދަޢުވާގައި ބަޔާންކޮށްފައިވަނީ ޖޫން 2025 އިން ފެށިގެން އެކި ދުވަސްމަތިން ތިން އަހަރުގެ ކުޑަކުއްޖަކަށް ނާއިޝް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު 14 ގައެވެ.

މައްސަލަ ބެލުމަށްފަހު، ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 20 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ.

ނަމަވެސް، ޝަރީޢަތް ނިމެންދެން ބަންދުގައި އޭނާ ހުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޒުކުރަން ޖެހޭނީ 18 އަހަރާއި، ހަތް މަހާއި 28 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް