އެގާރަ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީ އާ މިއަދު ސަރުކާރުން ހަވާލުކޮށްފިއެވެ.
ދަރުބާރުގޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
މި މަޝްރޫއުގެ ދަށުން މަގުތައް ތާރުއަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާ 11 ރަށަކީ:
-
އއ. ފެރިދޫ
-
ރ. އިންނަމާދޫ
-
ބ. ކެންދޫ
-
އއ. މަތިވެރި
-
ށ. ބިލެއްފަހި
-
ރ. ރަސްގެތީމު
-
ބ. ދަރަވަންދޫ
-
ނ. މަގޫދޫ
-
ފ. ފީއަލި
-
ނ. މާއުނގޫދޫ
-
ކ. ދިއްފުށި
ޖުމްލަ 912.15 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު ނިމުމުން، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ ޗަކަވުމުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރުކުރުމަށާއި ހިނގާބިނގާވެ އުޅުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއަކީ އެ ރަށްރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.




