ރަސްމާލެ މަޝްރޫޢުގެ ދަށުން ޝަރުޠު ހަމަވާ އެންމެންނަށް ބިން ލިބޭނެ: ރައީސް މުއިއްޒު

ރަސްމާލެ މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ ހުރިހާ ކެޓަގަރީއަކުންވެސް ޝަރުޠު ހަމަވާ އެންމެންނަށް އެ ތަނުން ގޯތި ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މާލޭ ރައްޔިތުންގެ ކެޓަގަރީއާއި، ދަފްތަރުގެ ކެޓަގަރީ އަދި 15 އަހަރު ވަންދެން މާލޭގައި އުޅުނު މީހުންގެ ކެޓަގަރީ ހިމެނޭހެން، ގޯތި ދިނުމަށް އިޢުލާނުކޮށްފައިވާ ހުރިހާ ކެޓަގަރީއަކުންވެސް ޝަރުޠު ހަމަވާ އެންމެންނަށް ބިން ލިބޭނެ ވަރަށް ރަސްމާލޭގައި ޖާގަ އޮންނާނެކަން އެޕްލިކޭޝަންތަކުގެ އަދަދުތައް ޗެކްކުރުމަށްފަހު ޔަގީންކޮށްދެއްވާފައިވާ ކަމަށެވެ.

ރަސްމާލޭގެ ބިމުން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކުރާތީ އާންމުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، އެ މަޝްރޫޢުގެ އިތުރުން ހުޅުމާލޭގައި އެ ކުންފުނިން އަޅާ 5,000 ފްލެޓުވެސް މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އާބަން އައިލްގެ އަސާސީ ޚިދުމަތްތަކާއެކު ހިންގާ މި 5,000 ހައުސިންގ ޔުނިޓުގެ މަސައްކަތް 2028 ވަނަ އަހަރުގެ އޯގަސްޓު މަހަށް ނިންމައި ހަވާލުކުރެވޭނެ ކަމަށާއި، މި ފްލެޓުތައް ޚާއްޞަކުރާނީ ޒުވާނުންނާއި، ރިސޯޓު މުވައްޒަފުންނާއި، މަސްވެރިންގެ ތެރެއިން ބޯހިޔާވަހިކަމެއް ލިބިފައިނުވާ ފަރާތްތަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

ކޮމެންޓް