ފުވައްމުލަކު ދޫޑިގަން ސަރަޙައްދުގައި ސަރުކާރުން އިމާރާތްކުރަމުން އަންނަ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށް، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އެކްސް މެދުވެރިކޮށް ހާމަކޮށްފިއެވެ.
ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ވެސް ކުރިއަށްދެއެވެ.
މިއީ އެއްފަހަރާ 500 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހިމެނޭ ގޮތަށް ބިނާކުރާ މިސްކިތެކެވެ. މި މިސްކިތް ބިނާކުރަމުންދަނީ ތިމާވެއްޓާ ރައްޓެހި ޒަމާނީ ފަރުމާއަކަށެވެ. އެގޮތުން މިސްކިތް އޭސީކުރުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް އިރުގެ ހަކަތަ ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ ބައިގެ އިތުރުން، ދީނީ ތަޢުލީމާއި މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ލައިބްރަރީއަކާއި ކުލާސްރޫމެއް ވެސް މި އިމާރާތުގައި ހިމެނެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން މިހާރު ވެސް ހިންގަމުންދާއިރު، ބައެއް ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދެއެވެ.




