ޅ. ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ހިއްސާކުރި މަޝްރޫޢުގެ އަދާހަމަ މަޢުލޫމާތުގައި ބުނެފައިވަނީ، ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.
ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ނައިފަރުގެ ފަޅުން 44.8 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން 1813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 474 މީޓަރުގެ ދިގުމިނަށް ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރިއަށްގެންދާނެއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ނައިފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
630 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢު ނިމުމާއެކު، ނައިފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރަށުގެ ތަރައްޤީއަށް މުހިންމު ދޮރެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.




