ދަރަނި ދެއްކުމަށް މިއަހަރު 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: މިނިސްޓަރު ޒަރީރު

މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި އަދާކުރުމަށް ޖުމްލަ 11.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ސަރުކާރުން ދަރަނީގެ ގޮތުގައި 10.4 ބިލިއަން ރުފިޔާ ވަނީ އަނބުރާ ދައްކާފައެވެ. މިނިސްޓަރު ވިދާޅުވީ، މި ދަރަނިތައް ދައްކާފައިވަނީ އެކަމަށް އިތުރު ދަރަންޏެއް ނުނަގައި، ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްގެން ކަމަށެވެ.

މި ދަރަނިތައް ދައްކައި ޚަލާސްކުރުމުގެ ސަބަބުން، 2027 ވަނަ އަހަރު ދަރަނި އަދާކުރުމަށް ހޭދަކުރަންޖެހޭ މިންވަރު 4.5 ބިލިއަން ރުފިޔާއަށް ވަނީ ދަށްކުރެވިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިއީ މުސްތަޤުބަލުގެ ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރު ދަރަންޏަށް 15 ބިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް، އެކުވެރި ގައުމުތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ސަރުކާރުން ކުރި މަޝްވަރާތަކުގެ ސަބަބުން އެ އަދަދު ވަނީ ކުޑަކުރެވިފައެވެ.

ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ބޮޑުވެ، ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިން މަތިކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ޒަރީރު ފާހަގަކުރެއްވިއެވެ.

ބަޖެޓުގައިވާ ގޮތުން، އަންނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެއެވެ. އޭގެ ތެރޭގައި އެތެރޭގެ ދަރަނީގެ ގޮތުގައި 108 ބިލިއަން ރުފިޔާ ހިމެނޭއިރު، ބޭރުގެ ދަރަނީގެ ގޮތުގައި ހިމެނެނީ 43.4 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ މިންވަރު 9.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބަޖެޓުގައި ވެއެވެ.

ރިއެކްޝަންސް

ކޮމެންޓް