އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. ހުށަހެޅި ބަޖެޓުގެ ޖުމްލަ އަދަދަކީ 59,704,440,795 ރުފިޔާއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

މިނިސްޓަރު ވިދާޅުވީ، މި ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހިމެނޭއިރު، ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން މުސާރައާއި އުޖޫރައަށް 7.9 ބިލިއަން ރުފިޔާ، މުވައްޒަފުންގެ އެލަވަންސްތަކަށް 6.5 ބިލިއަން ރުފިޔާ އަދި ޕެންޝަނާއި ދުވަސްވީ މުވައްޒަފުންނަށް ދޭ ފައިސާއަށް 2.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ސަރުކާރުން ދޭ އެހީއާއި ސަބްސިޑީއަށް 13.9 ބިލިއަން ރުފިޔާ، ލޯނުގެ ޚިދުމަތުގެ ޚަރަދަށް 4.9 ބިލިއަން ރުފިޔާ އަދި އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތްތަކަށް 2.6 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.

2027 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މިއީ މި އަހަރަށް ލަފާކުރި މިންވަރަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ލަފާކުރެވެއެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށްޓަކައި އެއްވެސް ޓެކުހެއް މަތިނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ޓެކުހުގެ ނިޒާމު ހަރުދަނާކޮށް، ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދައި، ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިގޮތުން، މި އަހަރު ތަޢާރަފުކުރި "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ގެ ބޭނުން އިތުރަށް ފުޅާކުރުމަށާއި، ޒަމާނީ "އީ-އިންވޮއިސިންގ" ނިޒާމެއް ތަޢާރަފުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްޙީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިއްޙީ ދާއިރާއަށް 10.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ރިއެކްޝަންސް

ކޮމެންޓް