މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ އިދިކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓުވެ ހާލުދެރަވި ދެވަނަ މީހާ ވެސް ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުގައި އަނިޔާވެ ފަރުވާއަށް ގެނެސްފައިވާ ފަސް މީހުންގެ ތެރެއިން ތިން މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށާއި، މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ދެ މީހަކަށް ކަމަށެވެ.
އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދިނުމަށްފަހު އެ ދެ މީހުން ވެސް މިހާރު ވޯޑަށް ބަދަލުކޮށްފައިވީ ނަމަވެސް، އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ތިން މީހުން އަރުވައިގެން ވަންވޭއާ އިދިކޮޅަށް ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހަކު ވެސް ހިމެނެއެވެ.
މި އެކްސިޑެންޓާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ފުލުހުން ވަނީ ލ. މާމެންދޫއަށް ނިސްބަތްވާ 27 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ.




