ތިނަދޫ ވަގުފް އިމާރާތުގެ ފައުންޑޭޝަން ނިމި، ތަނބުތަކުގެ މަސައްކަތް ފަށައިފި

ގދ. ތިނަދޫގައި ސަރުކާރުން ކުރިއަށްގެންދާ ވަގުފް މަޝްރޫއުގެ ފައުންޑޭޝަން މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތަކުގެ ރީއިންފޯސްމަންޓްގެ މަސައްކަތް ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގައި ވަގުފް ދާއިރާ ފުޅާކޮށް، ވަގުފް މަޝްރޫއުތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު މަޝްރޫއެއް ކަމަށެވެ. ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ އޮފީސް ބަޔާއި، އެކޮމޮޑޭޝަން އަދި ކޮމާޝަލް ސްޕޭސް ހިމެނޭ ގޮތަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެކެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ވަގުފް ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ މަގުތައް ފަހިކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިންގޭ މަޝްރޫއެކެވެ. އިމާރާތުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދުގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

އަތޮޅުތަކުގައި ގާއިމުކުރެވޭ މިފަދަ ވަގުފް އިމާރާތްތަކުން ލިބޭ އާމްދަނީ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ކަންކަން އިތުރަށް ހަރުދަނާކުރުމަށެވެ. އޭގެ ތެރޭގައި މިސްކިތްތައް މަރާމާތުކުރުމާއި ދީނީ ތަފާތު ހަރަކާތްތައް ހިންގުން ހިމެނެއެވެ. އަދި މި އިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންކަމާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން އެ ސަރަހައްދެއްގެ ކައުންސިލްތަކުންނެވެ.

ރިއެކްޝަންސް

ކޮމެންޓް