މިދިޔަ ސެޕްޓެމްބަރު މަހު ޑިޕާޗާ ޓެކްސްގެ ގޮތުގައި ދައުލަތަށް 172 މިލިއަން ރުފިޔާއަށްވުރެ ގިނަ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އިން ލިބުނު ޖުމްލަ އާމްދަނީ ވަނީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.4 އިންސައްތަ އިތުރުވެފައެވެ. އެގޮތުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 176 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 172.81 މިލިއަން ރުފިޔާ ލިބުނެވެ. މިއާއެކު މި ދެ ބާވަތުން އެކަނިވެސް ވޭތުވެދިޔަ މަހު ޖުމްލަ 349 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ވަދެފައެވެ.
މީރާގެ މާލީ ރިޕޯޓްތައް ދައްކާގޮތުން، ސެޕްޓެމްބަރު މަހު ދައުލަތަށް ޖުމްލަ 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު 3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.7 އިންސައްތައިގެ ދަށްވުމެކެވެ. މީގެ ތެރޭގައި ޑޮލަރުން ލިބުނު 126.81 މިލިއަން ޑޮލަރުވެސް ހިމެނެއެވެ. ޖުމްލަ އާމްދަނީ ދަށްވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރިސޯޓްތަކުގެ ލީސް ޕީރިއަޑް އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު އަދަދު މަދުވުމާއި، ޖެނެރަލް ސެކްޓާ ޖީއެސްޓީއިން ލިބުނު ފައިސާ ދަށްވުން ހިމެނެއެވެ. އެގޮތުން ލީސް ފީގެ އާމްދަނީ 508.44 މިލިއަން ރުފިޔާއިން 5.76 މިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ.
ނަމަވެސް، މީރާއިން ކުރިން ލަފާކުރި ވަރަށްވުރެ ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީ ވަނީ 12.7 އިންސައްތަ އިތުރުވެފައެވެ. އެ މަހު ލިބޭނެ ކަމަށް ލަފާކުރީ 2.29 ބިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް، އާމްދަނީގެ ގޮތުގައި 2.58 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އަދި ޓެކްސް އާމްދަނީއަށް ބަލާއިރު، ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު 1,735.20 މިލިއަން ރުފިޔާގެ ބަދަލުގައި، މިއަހަރުގެ ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ 1,857.30 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ މަހުގެ ޖުމްލަ އާމްދަނީގެ 69.1 އިންސައްތައެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޖީއެސްޓީ 717.20 މިލިއަން ރުފިޔާއިން 792.13 މިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 424.23 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 202.12 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.




