ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރުމަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމްއެވެ.
ގަރާރު ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތެރެއިން ވެރިކަންކުރާ ޕީއެންސީގެ 45 މެންބަރުން ގަރާރު ބަލައިނުގަތުމަށް ވޯޓު ދެއްވިއެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރުންނެވެ.
ގަރާރުގައި ބުނެފައިވަނީ، އީގަލް ހިލްސްއާއެކު ސަރުކާރުން ސޮއިކުރި އެއްބަސްވުމުގެ މައުލޫމާތުތައް މިހާތަނަށް ސިއްރުކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެ ޚަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން ހަދާފައިވާ ކަމަށާއި، ރަސްމާލޭން ހިއްކާފައިވާ 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސްއަށް ދީފައިވަނީ އެއްވެސް ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނުނަގާ ގޮތަށް ކަމަށް ވެސް ގަރާރުގައި ވެއެވެ.
އެ ބިމުގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދިނުމުގެ ހައްޤު ވެސް އީގަލް ހިލްސްއަށް ދީފައިވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. މިފަދަ ބޮޑު މަޝްރޫޢެއްގެ މައުލޫމާތު ސިއްރުކުރުމަކީ ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ގަރާރަށް ބަހުސްކުރެއްވި ވެރިކަންކުރާ ޕީއެންސީގެ ގިނަ މެންބަރުން ވިދާޅުވީ، ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދަނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.
އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިމަހުގެ 5 ވަނަ ދުވަހު ކުއްލި މައްސަލައެއް ވެސް މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ބޭރުކޮށްލިއެވެ.
"މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ފަހު އެއްބަސްވުމުގައި، އަންނަ މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ޖުމްހޫރީ ދުވަހު ސޮއިކުރުމަށް އުންމީދުކުރައްވާ ކަމަށް އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.




