ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ބަންގްލަދޭޝްގެ 4 މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި، ބަންގްލަދޭޝްގެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް (20) އާއި، އެމްޑީ މިޒަންނޫރު ރަޙްމާން (41) އާއި، މިރްޒާ އަލް އަމީން (30) އަދި އެމްޑީ އަރްމާން އަލީ (21) އެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދިން މަޢުލޫމާތާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެންނެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ވައިގެ މަގުން އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަމަށެވެ.

ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެމްޑީ މިޒަންނޫރު ރަޙްމާން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށާއި، ދެން ތިބި ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މި މީހުންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް، ޓްރެފިކްކުރުމުގެ ތުހުމަތެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް