ކީރިތި ގުރުއާން އުނގަންނައިދިނުމުގެ މަތިވެރި ހިދުމަތުގައި ދެމިތިބޭއިރު، ދުނިޔެވީ މާއްދީ މަންފާއަށްވުރެ ބޮޑަށް މާތްﷲ ރުއްސެވުމާއި ދަރުމަ އިސްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފިއެވެ.
ކީރިތި ގުރުއާން އުނގަންނައިދިނުމުގެ ދާއިރާއިން ޑިގްރީ އަދި ޑިޕްލޮމާ ފުރިހަމަކުރި 113 ދަރިވަރުން ދަސްވެނިވުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މީސްތަކުންގެ ތެރެއިން އެންމެ ހެޔޮލަފާ މީހުންނަކީ ގުރުއާން އުނގެނި އަދި އެހެން މީހުންނަށް އުނގަންނައިދޭ މީހުން ކަމަށެވެ.
އަދި އާއިލީ އަދި ވަޒީފާގެ ބުރަ މަސްއޫލިއްޔަތުތަކާ އެކުވެސް މިފަދަ އިލްމީ ޕްރޮގްރާމްތައް ފުރިހަމަކުރުމަކީ މަތިވެރި ޖިހާދެއް ކަމަށާއި، މި މަސައްކަތުގައި މާއްދީ ފައިދާއަށްވުރެ ބޮޑަށް ގުރުއާނަށް ހިދުމަތްކުރުމުގެ އިހްލާސްތެރި ނިޔަތް ދެމެހެއްޓުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
މީގެ އިތުރުން، އެންމެ ކުއްޖަކަށް ވިޔަސް ގުރުއާން އުނގަންނައިދިނުމަކީ ދެމިގެންދާ ސަދަގާތެއް (ސަދަގަތުލް ޖާރިޔާ) ފަދަ ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުއްޖަކަށް ސޫރަތުލް ފާތިހާ ކިޔަވަން ދަސްކޮށްދިނުން ފަދަ ކަންކަމުގައި އެ ކުއްޖަކު މުޅި އުމުރުދުވަހު އެ ސޫރަތް ކިޔަވާ ކޮންމެ ފަހަރަކު، އެކަން ދަސްކޮށްދިން މުދައްރިސަށް މެދުކެނޑުމެއްނެތި ސަވާބާއި ދަރުމަ ލިބެމުންދާނެ ކަމަށާއި، މިއީ އުނގަންނައިދޭ ފަރާތްތަކަށް ލިބޭ އިންތިހާ ދަރަޖައިގެ ބަރަކާތެއް ކަމަށެވެ.




