މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. "ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރއެކެވެ.
ފުލުހުން ބުނީ މި ސޮފްޓްވެއަރގައި އިންޓަރސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވާ ކަމަށާއި، މީގެ އިތުރުން، އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތައް، މަގުބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް ހިމެނެއެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށްޓަކައި، ގޫގުލް މެޕްސްއާއި، ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއަރއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ވެސް މި ސޮފްޓްވެއާ އިން ލިބިގެންދާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކުރުމަށާއި، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ޕޮލިސިންގގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތައާރަފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




