ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ މާލީ އެހީގެ ދަށުން، ހޭދަވި ސެޕްޓެމްބަރު މަހު 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މަހު ތެލެސީމިއާ އެލަވަންސްގެ ގޮތުގައި ޖުމްލަ 1،082،000 ރުފިޔާ ވަނީ 541 ފަރާތަކަށް ބަހާފައެވެ. މީގެ ތེރޭގައި އަލަށް އެހީ ހަމަޖެހުނު ހަ ފަރާތެއް ވެސް ހިމެނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ މަތިން، މި އަހަރުގެ ޖެނުއަރީ މަހު ތައާރަފްކުރި މި އެލަވަންސް ފުރަތަމަ ދެމުން އައީ މަހަކު 1،000 ރުފިޔާގެ މަގުންނެވެ. ނަމަވެސް، ރައީސްގެ ހާއްސަ ނިންމެވުމަކާ ގުޅިގެން މިހާރު އެ އެހީ ވަނީ މަހަކު 2،000 ރުފިޔާއަށް ބޮޑުކޮށްދެއްވާފައެވެ. މި އިނާޔަތް ލިބެނީ ތެލެސީމިއާ ސެންޓަރުގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށްވާއިރު، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން މި ފައިސާ ދޫކުރަން ޖެހެއެވެ. އަދި ބަލިމީހާ އިތުރަށް ފަރުވާ ހޯދަން ނުޖެހުމާއި، އަމިއްލައަށް އެދުން ނުވަތަ ނިޔާވުން ފަދަ ހާލަތްތަކުގައި މި އެލަވަންސް ކަނޑާލެވޭނެ ކަމަށް ގަވައިދުގައިވެއެވެ.
މި އެހީގެ އިތުރުން، ތެލެސީމިއާ ކުދިންނާއި އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން، ސަރުކާރުގެ އެހީތެރިކަމާއެކު މިހާތަނަށް 28 ތެލެސީމިއާ ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ވިދާޅުވެފައެވެ.




