މޯލްޑިވިއަނުން އެއަރބަސް މަރުކާގެ ދެ ބޯޓު ހޯދަން އިއުލާންކޮށްފި

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެއަރބަސް A220-300 މަރުކާގެ ދެ ބޯޓު އޮޕަރޭޓިންގ ލީސްގެ ދަށުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މޯލްޑިވިއަނުން ބުނީ މިކަމަށް ޝަރުތުހަމަވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އޮކްޓޫބަރު 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ކަމަށާއި، ހުށަހަޅާ ސުވާލުތަކަށް އޮކްޓޫބަރު 19 ގެ ކުރިން ޖަވާބު ދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަނުން އަންނަނީ ފްލީޓަށް އިތުރު ބޯޓުތައް އިތުރުކޮށް، އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ދަތުރުތައް ކުރާ މަންޒިލްތަކާއި ފްރިކުއެންސީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއާލައިނުން މިވަގުތު ބައިނަލްއަގުވާމީ 4 ގައުމެއްގެ 7 މަންޒިލަކަށް ޝެޑިއުލް ދަތުރުތައް ކުރެއެވެ. އޭގެ ތެރޭގައި އިންޑިއާގެ 2 ސިޓީއަކާއި، ބަންގްލަދޭޝްގެ ޑާކާ، ޗައިނާގެ 3 ސިޓީއެއްގެ އިތުރުން އޮސްޓްރޭލިއާގެ މެލްބަން ހިމެނެއެވެ.

ރިއެކްޝަންސް

ކޮމެންޓް