ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ ވިއްސައިގެން ދިޔަ ތަކެތިން ޖެހި ކުޑަކުއްޖަކަށްވެސް އަނިޔާވެއްޖެ

ކުޅުދުއްފުށި ސިޓީގެ އަމީނީމަގުގައި މިއަދު މެންދުރުފަހު ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަދި އެ ސަރަހައްދުން ބައިސްކަލެއްގައި ދިޔަ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓުގެ ރިޕޯޓު މިއަދު މެންދުރު 14:09 ހާއިރު ލިބުމާ ގުޅިގެން ބެލިބެލުމުން، އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލުތަކުގައި ތިބި އަންހެނަކާއި ފިރިހެނަކަށް އަދި ވިއްސައިގެން ދިޔަ ތަކެތިން ޖެހި އަނިޔާވި ކުޑަކުއްޖަކަށެވެ.

  • ފިރިހެން މީހާ: ބޯފަޅައިގެން ގޮސް، ހަށިގަނޑުގެ އެކި ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.

  • އަންހެން މީހާ: ފައި ބިނދި، ހަށިގަނޑުގެ އެކި ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.

  • ކުޑަކުއްޖާ: ބައިސްކަލުގައި ދަނިކޮށް އެކްސިޑެންޓުވި ވަގުތު ވިއްސައިގެން ދިޔަ ތަކެތިން ޖެހި، ވާތު ފަޔަށް ތަދުވެ ކަށިމަތި ވަނީ މަށައިގެން ގޮސްފައެވެ.

އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ 9,913 މައްސަލައިގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން މިހާތަނަށް 2,379 އެކްސިޑެންޓެއް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް