އޮޅުވާލައިގެން ނަންބަރު ބޯޑު ހަރުކޮށް ސައިކަލެއް ވަގަށް ނަގަން އުޅުނު 3 މީހަކު ހައްޔަރުކޮށްފި

މާލެ، ކާނޭޝަން މަގުގެ، ގޯޅިގަނޑެއްގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ނަގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދިވެހިންތަކެއްކަމަށްވާ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެއްކަމަށެވެ.

ރޭ ފަތިހު 03:55 ހާއިރު، މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ބީޓަކަށް ކާނޭޝަން މަގުގެ ގޯޅިގަނޑެއްގެ ތެރޭގައި ސައިކަލެއް ކައިރީ ތިން މީހަކު ހަރަކާތްތެރިވަމުންދާ ތަން ފެނިގެން އެ ސަރަހައްދަށް ގޮސް ބަލައިފާސްކުރިއިރު، އެ ވަގުތު އެތަނުން އެކަކު ސައިކަލަށް އަރައިގެން ކާނޭޝަން މަގަށް ނެރެން އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ސައިކަލަކީ އޭނާގެ ދައްތަގެ ފިރިމީހާގެ ސައިކަލެއް ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ ވަގުތު ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑުގެ މައުލޫމާތު އޭނާ ދެއްކި ވާހަކައާ ދިމާވި ނަމަވެސް، އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ސައިކަލުގެ އިންޖީނު ނަންބަރު ޗެކްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އިންޖީނު ނަންބަރު ދިމާނުވުމުން ފުލުހުންގެ ކޮމާންޑް ސެންޓަރު މެދުވެރިކޮށް ބެލިބެލުމުން، އެ ސައިކަލުގެ އަސްލު ރަޖިސްޓްރީ ނަންބަރަކީ އެހެން ނަންބަރެއްކަން ކަށަވަރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ގޯޅިގަނޑު ތެރޭގައި ސައިކަލު ޕާކުކޮށްފައި ހުރި ސަރަހައްދު ފުލުހުން އިތުރަށް ބަލައިފާސްކުރިއިރު، އެ ސަރަހައްދުގެ ކާނުގަނޑެއްގެ ތެރެއަށް ސައިކަލުގެ އަސްލު ނަންބަރު ބޯޑު އެއްލާލާފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ސައިކަލު ޓޯކޮށް، ސައިކަލު ވަގަށް ނެގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތަޅުދަނޑިއާއި ފެނުނު އަސްލު ނަންބަރު ބޯޑު ތަހުގީގުގެ ބޭނުމަށް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް