މާލީ ޚިދުމަތްތަކާއި، ރިއަލް އެސްޓޭޓް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް ލިބުނު ކުރިއެރުމާއެކު، މި އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 އިންސައްތަ ކުރިއަރައިފިއެވެ.
މިކަން ހާމަވެފައިވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން އޮކްޓޯބަރު 15 ގައި ޢާންމުކޮށްފައިވާ، އިގްތިސާދީ ކުރިއެރުން ވަޒަންކުރާ "މަންތްލީ އިންޑިކޭޓަރސް އޮފް އިކޮނޮމިކް ގްރޯތް" (އެމް.އައި.އީ.ޖީ) ރިޕޯޓުންނެވެ.
އެ ރިޕޯޓުގައިވާ ގޮތުން، އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުރީ 9.64 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 9.41 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ. އަދި މިއީ މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.
އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ މާލީ ޚިދުމަތްތަކުގެ ދާއިރާއިންނެވެ. މާލީ މުޢާމަލާތްތަކާއި އިންޝުއަރެންސްގެ ޚިދުމަތްތައް އިތުރުވުމާ ގުޅިގެން، މި ދާއިރާ ވަނީ 21.9 އިންސައްތަ ކުރިއަރައި 748 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މީގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.1 އިންސައްތަ ކުރިއަރައި 864 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމާރާތްކުރުމުގެ ދާއިރާ ވަނީ 10.4 އިންސައްތަ ކުރިއަރައި 487 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އިގްތިސާދުގެ އެންމެ ބޮޑު ދާއިރާއަކީ އަދިވެސް ފަތުރުވެރިކަމުގެ ޚިދުމަތްތައް ހިމެނޭ ހޮސްޕިޓާލިޓީ އަދި ފުޑް ސާވިސަސް ދާއިރާއެވެ. އިގްތިސާދުގެ 23.1 އިންސައްތަ ހިއްސާކުރާ މި ދާއިރާއިން އޮގަސްޓް މަހު 2.23 ބިލިއަން ރުފިޔާ އުފައްދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 0.7 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއީ 10.6 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން އައިސްފައިވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ދަތުރުފަތުރާއި މުވާޞަލާތީ ޚިދުމަތްތަކުގެ ދާއިރާއިން އިގްތިސާދުގެ 11.7 އިންސައްތަ ހިއްސާކުރެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން މަހު އިގްތިސާދީ ހަރަކާތްތައް ދަށްވުމަށްފަހު، ޖުލައި އަދި އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ވަނީ ބާރުމިނެއްގައި ކުރިއަރަން ފަށާފައެވެ. އޮގަސްޓް މަހުގެ އިގްތިސާދީ ކުރިއެރުން 10.06 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ޖެނުއަރީ މަހުގެ ފަހުން މިހާ މަތީ މިންވަރަކަށް ރިކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ.




