ހިޔާގެ ވަގުތީ މިސްކިތް ނަގައި، އެ ސަރަހައްދު ޕާކަކަށް ހެދުމަށް އާންމުންގެ ހިޔާލު ހޯދަން އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގެ މެދަށްވާ ގޮތަށް ހަދާފައިވާ ވަގުތީ މިސްކިތް އެ ތަނުން ނަގައި، އެ ބިމަކީ ހިޔާ ޕާކުގެ ބަޔަކަށް ހެދުމަށްޓަކައި އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން ހިޔާ ޓަވަރުތަކުގެ ކޮމިއުނިޓީ ގްރޫޕަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، އެ ސަރަހައްދުގައި ވަގުތީ މިސްކިތެއް މީގެ ކުރިން ގާއިމުކުރީ ދެވަނަ ފިޔަވަހީގައި މިސްކިތްތައް މަދުވުމުން އޭރު ދިރިއުޅުނު އާންމުންނަށް ފަސޭހަ ކޮށްދިނުމަށެވެ. ނަމަވެސް މިހާރު އެ ސަރަހައްދުގައި ދާއިމީ އިތުރު މިސްކިތްތައް ތަރައްގީކޮށް ބޭނުންކުރަން ފަށާފައިވާތީ، ވަގުތީ މިސްކިތް ނަގައި ކުރިންވެސް ރޭވިފައިވާ ގޮތަށް އެ ސަރަހައްދު ހިޔާ ޕާކުގެ ބަޔަކަށް ބަދަލުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

އޮންލައިން ފޯމެއް މެދުވެރިކޮށް ކުރިއަށްގެންދާ މި ސާވޭގެ މައިގަނޑު ބޭނުމަކީ:

  • ވަގުތީ މިސްކިތް މިހާރު އާންމުން ބޭނުންކުރަމުންދާ މިންވަރު ދެނެގަތުން.

  • އެ ސަރަހައްދު ތަރައްގީކުރުމަށް ރޭވިފައިވާ ކަންކަމުގެ މައުލޫމާތު އާންމުންނާ ހިއްސާކުރުން.

  • އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު މަޝްރޫއު އިތުރަށް ހަރުދަނާކޮށް ކުރިއަށްގެންދިއުން.

އެޗްޑީސީން ބުނެފައިވާ ގޮތުގައި މި ސާވޭގައި ފޯމު ފުރާ މީހުންގެ އެއްވެސް ޒާތީ މައުލޫމާތެއް ނުނަގާނެއެވެ. އަދި އާންމުން ހިއްސާކުރާ ޖަވާބުތައް ބޭނުންކުރާނީ ހަމައެކަނި އާންމުންގެ ހިޔާލުތައް ދެނެގަތުމަށެވެ.

ހިޔާ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ސަރަހައްދަކަށްވެފައި، އެއްފަހަރާ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ބޮޑެތި މިސްކިތްތަކެއް އެ ސަރަހައްދުގައި މިހާރު ހުރިނަމަވެސް، އެ ވަގުތީ މިސްކިތަކީވެސް އާންމުންގެ ބަޔަކު އަދިވެސް ބޭނުންކުރަމުންދާ ތަނެކެވެ.

ރިއެކްޝަންސް

ކޮމެންޓް