ފޮރިން މިނިސްޓަރު އިރުތިޝާމް އޯއައިސީ ބައްދަލުވުމަށް އިރާގަށް ފުރާވަޑައިގެންފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ފޮރިން މިނިސްޓަރުންގެ 52 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިރާގަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ 52 ވަނަ ބައްދަލުވުމުން އޮންނާނީ އިރާގުގެ ބަގްދާދުގައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މައިގަނޑު ގޮތެއްގައި ވަކާލާތުކުރުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށާއި، އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި އިގްތިސާދީ އަދި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް މެންބަރު ހުރިހާ ގައުމުތަކުން ގޮވާލުމަށާއި، އެ ގައުމުގެ ރައްޔިތުންގެ ހިމާޔަތުގައި އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އަމަލީ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުމަށް މި ސެޝަންގައި ބާރުއެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން އިސްލާމީ ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކާބޯތަކެއްޗާއި އަސާސީ މުދާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރުން ވެސް ހިމެނެއެވެ. އަދި ދަނޑުވެރިކަމާއި ޓެކްނޮލޮޖީ، ޑިޖިޓަލައިޒޭޝަން، ސިއްހީ ދާއިރާގެ އިތުރުން އިޖުތިމާއީ ކަންކަމުގައި މެންބަރު ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް ވެސް ބާރުއަޅާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެ، އޯއައިސީގެ މެންބަރަކަށްވިތާ 50 އަހަރު ފުރިފައިވާ އިރު، މި ދަތުރުފުޅުގެ ހަވާސާގައި އިރާގުގެ ފޮރިން މިނިސްޓަރުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ވެސް މިނިސްޓަރު އިރުތިޝާމް ބައްދަލުކުރައްވާނެއެވެ.

ރިއެކްޝަންސް

ކޮމެންޓް