މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން މެންބަރަކު ކަނޑައެޅުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުވާލީ، މީޑިއާ ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި މުޙައްމަދު ފަރުޝަތު، ކޮމިޝަނުގެ ރައީސްކަމާއި މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، އެ މަޤާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތަކީ، ނޫސްވެރިކަން، ބްރޯޑްކާސްޓްކުރުން، ސިޔާސަތު ކަނޑައެޅުން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވާ، ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.
އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި، މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއް ކަމުގައި ނުވުމުގެ އިތުރުން، މީޑިއާ އަދި ކޮމިއުނިކޭޝަން ދާއިރާގެ ވިޔަފާރިއެއްގައި ޙިއްޞާއެއް އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށް ޝަރުޠުތަކުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް، އަދި ޚިޔާނާތާއި ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުންވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ. ޤާނޫނުއަސާސީގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ ފަރާތްތަކަށްވެސް މި މަޤާމަށް ކުރިމައްޗެއް ނުލެވޭނެއެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮމިޝަނަށް ޢައްޔަންކުރެވޭ މެންބަރުން މަޤާމުގައި ދެމިތިބޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ފަރުޝަތު އިސްތިއުފާ ދެއްވީ ވޭތުވެދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ފަރުޝަތު ފޮނުއްވި ސިޓީގައި ވަނީ، މީޑިއާ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާއެކު، އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަންކަން ރާވައި ހިންގުމަށް ޙައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
ފަރުޝަތު މީޑިއާ ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރީ މިދިޔަ އަހަރު އޮކްޓޯބަރު 27 ގައެވެ.




