މިސްކިތްތަކަށް ގެއްލުންދިން މީހާ ދޫކޮށްލީ ހުކުމް ތަންފީޒުކޮށް ނިމުމުން: ފުލުހުން

މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދޭ ކަމަށް ތުހުމަތުވާ މީހާ ބަންދުން ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ކުރެވުނު ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ. ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށްފަހު، މިދިޔަ އާދިއްތަ ދުވަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި، މިސްކިތަށް ގެއްލުންދިން މައްސަލައިގައި ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އާދިއްތަ ދުވަހު އިއްވާފައެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ވަނީ ބަންދުގައި 1 މަހާއި 21 ދުވަސް ހޭދަކޮށްފައެވެ.

އެހެންކަމުން ބަންދުގައި ހޭދަކުރި މުއްދަތު އަދަބުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައަޅައި، އޭނާ ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ވަނީ ބާތިލުކޮށްފައެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާއަކީ މިފަދަ ކުށްތަކާއި އިތުރު ބާވަތްތަކުގެ ކުށުގެ ރެކޯޑުވެސް އޮތް މީހެކެވެ.

ރިއެކްޝަންސް

ކޮމެންޓް