މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނަކު، އޭނާއަކީ ކިޔަވާ ކުއްޖެއް ކަމަށާއި ކުރެވެނީ ކުޑަ ތުހުމަތެއް ކަމަށް ބުނެ ބަންދުން ދޫކޮށްލުމަށް އެދުނު ނަމަވެސް، ކޯޓުން އޭނާ 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫއަށް ނިސްބަތްވާ، އުމުރުން 18 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބަންދަށް އިއްޔެ 12 ދުވަސް ޖަހާފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޒުވާނާ އިތުރު ބަޔަކާ ގުޅިގެން މަޖީދީމަގުގައި އެކަކު އަނެކަކުގެ ގަޔަށް އަތްލައި މާރާމާރީ ހިންގާފައިވާކަން ފުލުހުން ހުށަހެޅި ހެކިތަކުން އެނގެން އޮވެއެވެ.
މި މައްސަލައާ ގުޅިގެން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި ފުލުހުންގެ ބަޔާން، ސީސީޓީވީ ފުޓޭޖް އަދި އެ ފުޓޭޖުގެ ސްނެޕްޝޮޓްތައް ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވެއެވެ. މި މާރާމާރީގައި ބައިވެރިވި އިތުރު ދެ މީހަކު ފުލުހުންނަށް ފިލައިގެން ގޮސްފައިވާކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ބަންދު މަޖިލީހުގައި ޒުވާނާގެ ފަރާތުން ދޫކޮށްލަން އެދުނު ނަމަވެސް، ކޯޓުން ނިންމީ ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، މިވަގުތު އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލު އޮތް ކަމަށެވެ.




