ނޮވެމްބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފި

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި އިސްލާމްދީނާއި ޤައުމުގެ ދިފާއުގައި ހިތްވަރާއި ލާމަސީލު ނަމޫނާ ދެއްކެވި ފަސް ބޭފުޅަކަށް ނޮވެމްބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފިއެވެ. މި ބޭފުޅުންނަށް އައްޑަނަ އަރުވާފައިވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ޝަރަފުގެ އައްޑަނަ އަރުވާފައިވާ ފަސް ބޭފުޅުން:

  • ސާރޖަންޓް ފަސްޓް ކްލާސް (ރިޓަޔަރޑް) އިބްރާހިމް ޝަރީފް: 3 ނޮވެންބަރުގައި ރެކީ ޕެޓްރޯލަށް ޖެހިލުމެއް ނެތި ނުކުންނެވި ބޭފުޅެކެވެ. (ޚިދުމަތް ކުރެއްވީ: 4 ނޮވެމްބަރު 1981 އިން 4 ޖެނުއަރީ 2012 އަށް).

  • ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) ޙުސައިން ޢަލީ: ފައިމަގުގައި ރެކީ ޕެޓްރޯލަށް ނުކުތް ޓީމުތަކުގެ ތެރެއިން އެއް ޓީމުގެ ލީޑަރުކަން ކުރެއްވި ބޭފުޅެކެވެ. (ޚިދުމަތް ކުރެއްވީ: 12 ނޮވެމްބަރު 1962 އިން 11 ނޮވެމްބަރު 2002 އަށް).

  • ސާރޖަންޓް ޙުސައިން މަނިކު: ނޮވެމްބަރު 3ގެ ހަމަލާގައި ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. (ޚިދުމަތް ކުރެއްވީ: 18 ޖޫން 1979 އިން 23 ނޮވެމްބަރު 1998 އަށް).

  • ކޯޕްރަލް އަބްދުﷲ ނަސީމް: ޓާސްކް ފޯސް ޓްރެއިނިން ހައްދަވާފައިވާ، ދުޝްމަނުން ހަމަލާދޭން ފެށުމާއެކު ހަތިޔާރު ނަންގަވައިގެން ސިފައިންގެ ދިފާއުކޮށް ރެކީ ޕެޓްރޯލަށް ނުކުންނެވި ބޭފުޅެކެވެ. (ޚިދުމަތް ކުރެއްވީ: 6 ޖުލައި 1976 އިން 30 ޑިސެންބަރު 1990 އަށް).

  • ލާންސް ކޯޕްރަލް އަބްދުﷲ މުފީދު: ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ރެކީ ޕެޓްރޯލަށް ނިކުމެވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެކެވެ. (ޚިދުމަތް ކުރެއްވީ: 27 ފެބުރުވަރީ 1988 އިން 11 ޖަނަވަރީ 1990 އަށް).

މީގެއިތުރުން، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ލަވަ އަލްބަމް ނެރެދެއްވައި، އެ އަލްބަމްގެ ބައެއް ލަވަތައް އިއްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް