ކޮމަންވެލްތު އިންވެސްޓްމަންޓް ސަމިޓުގައި ވަޒީރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން (ޗޮގަމް 2026) ގެ ހަވާސާގައި އެންޓީގުއާ އެންޑް ބާބިއުޑާގައި ކުރިއަށްދިޔަ "ކޮމަންވެލްތު ލީޑާސް އެންޑް ސީއީއޯ އިންވެސްޓްމަންޓް ސަމިޓް" ގައި ރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ. ޗޮގަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ވަޒީރު ބައިވެރިވެވަޑައިގެންނެވިއިރު، މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ.

މި ސަމިޓުގެ މައިގަނޑު މަޤްޞަދަކީ 2030 ވަނަ އަހަރުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ސަރުކާރުތަކާއި އަމިއްލަ ވިޔަފާރިތަކުގެ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުތައް ފަހިކުރުމެވެ. މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންނާއި ދުނިޔޭގެ ނުފޫޒުގަދަ ކުންފުނިތަކުގެ ސީއީއޯއިން ބައިވެރިވެ، އިޤްތިޞާދީ ކުރިއެރުމާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ފުޅާކުރުމާ މެދު މަޝްވަރާކުރައްވާފައިވެއެވެ.

މި ސަމިޓުގެ ސަބަބުން ރާއްޖެއަށް ފައިދާހުރި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދުމަށާއި ބައިނަލްއަޤްވާމީ އިޤްތިޞާދީ ގުޅުންތައް ވަރުގަދަކުރުމަށް މަގުފަހިވާނެ ކަމަށް ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އަދި މި ސަމިޓުގައި ދުނިޔެއަށާއި ޚާއްޞަކޮށް ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވޭނެއެވެ.

ރިއެކްޝަންސް

ކޮމެންޓް