ނަޞްރުގެ ދުވަސް ހަނދާންކޮށްދެނީ ދިވެހި ކާބަފައިން ދައްކައިދިން މަތިވެރި ނަމޫނާއާ އެއްގޮތަށް ޤައުމީ މަޞްލަޙަތަށް އިސްކަންދީ، އެއްވެސް ބާރެއްގެ ބަނޑުދަށުގައި އޮތުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތްކުރަން ޖެހޭކަން ކަމަށް ދިފާޢީ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއަކީ މި ސަރަހައްދުގައި އޮތް އެންމެ މިނިވަން ދައުލަތް ކަމަށާއި، އެ މިނިވަންކަމުގެ ސިއްރަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތުގައި ދެމިތިބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަސަން ރަޝީދު ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރަނީ، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ބޭރުގެ ބަޔަކަށް ބަރޯސާނުވެ ދިވެހިން އަމިއްލައަށް ދިފާޢުކޮށް ދެމެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކަމަށެވެ.
ނޮވެމްބަރު 3 ގައި ދިވެހި ސިފައިން ދެއްކި ނަމޫނާއިން މިއަދުގެ ޒުވާނުން އިބްރަތް ހާސިލުކުރަން ޖެހޭ ކަމަށާއި، އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަން ޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނަޞްރުގެ ދުވަހަކީ 3 ނޮވެމްބަރު 1988 ގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ނަގާލުމަށް ބޭރުގެ އުދުވާނީ ބާރަކާ ގުޅިގެން ދިން ހަމަލާއިން ދިވެހި ޤައުމު ސަލާމަތްވުމުގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އެ ހަމަލާގައި ދިވެހި އަށް ސިފައިންނާއި އާންމުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.




