ރަސްމާލެ ޕްރޮޖެކްޓާއި ދެކޮޅަށް ހައެއްކަ މީހުން މުޒާހަރާކޮށްފި

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅަށް މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބައެއް މީހުން އެއްވެ މުޒާހަރާކޮށްފިއެވެ.

މި މުޒާހަރާގައި އިސްކޮށް ތިއްބެވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއެވެ.

މި އިހުތިޖާޖު ކުރިއަށް ގެންގޮސްފައި މިވަނީ ކުޑަކުއްޖަކާއި ބެހިގެން އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވާ ދަންޑިވަޅެއްގައެވެ.

މުޒާހަރާ ފެށީ ކުރިން އިއުލާނުކުރުމެއް ނެތިއެވެ. ބައިވެރިންގެ އަތުގައި ދިވެހި ދިދަ ހުއްޓެވެ.

ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންނާ ރަސްމާލޭގެ ކޮމާޝަލް ޓާމްސްގައި ސޮއިކުރީ ސެޕްޓެމްބަރު 21 ގައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިއީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި ޕްރޮޖެކްޓާއި ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ޓީޖީއެސްޓީގެ އިތުރުން ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ ދައުލަތަށް ލިބޭނެކަމަށެވެ. އަދި ވިއްކާ ކޮންމެ ޕްރޮޕަޓީއެއްގެ އަގުގެ 4 އިންސައްތަ ފީއެއްގެ ގޮތުގައި ދައުލަތަށް ލިބޭނެއެވެ.

އީގަލް ހިލްސްއިން ހުޅުމާލޭގައި ތިން ކޮޓަރީގެ 5,000 އެޕާޓްމަންޓް ބިނާކޮށްދޭނެއެވެ. އެ މަސައްކަތަށް ފުރަތަމަ ފަންޑުކުރާނީ އީގަލް ހިލްސްއިންނެވެ. މި މަޝްރޫއުން 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެއެވެ. މަޝްރޫއު އެއްކޮށް ނިމުމުން އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. މަޝްރޫއު ތަރައްގީކުރަން ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މި ޕްރޮޖެކްޓް ހިންގަން ރާއްޖޭގެ ގިނަ ބަޔަކު ތާއީދު ކުރެއެވެ.

ރިއެކްޝަންސް

ކޮމެންޓް