ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު މިނިވަންކުރަން ޖެހޭ: ރައީސް

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ހަތިޔާރުގެ އަޅުވެތިކަމުން ދިވެހިން ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ދިވެހި ޤައުމު މިނިވަންކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަކި ފަރުދަކަށް ވިޔަސް، ޢާއިލާއަކަށް ވިޔަސް އަދި މުޅި ޤައުމަކަށް ވިޔަސް އަމިއްލަ ބަސްބުނެ، އެހެން ފަރާތްތަކުގެ ނުފޫޒުން ސަލާމަތްވެވެނީ ފުދުންތެރިކަން ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަރަނިވެރިވެއްޖެ ހާލަތެއްގައި އަބަދުވެސް ތިބެންޖެހޭނީ ދަރަނިދޭ ފަރާތުގެ ކިޔަމަނުގައި، އެ ފަރާތުގެ ރުހުމާއި ނުރުހުމުގެ ތެރޭގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ޤައުމެއްގައި އަމިއްލަ ބަސް ބުނެވެނީ، އަދި އަމިއްލަ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރިކުރެވެނީ އެ ޤައުމެއްގައި ސަލާންޖަހަން ނުޖެހޭ އިޤްތިޞާދަކަށް ފުރާނަ އެޅުވިފައި އޮވެގެން. އިޤްތިޞާދީ މިނިވަންކަން ލިބިގެން،" ރައީސް ވިދާޅުވިއެވެ.

ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ނަގާލުމަށް ބޭރުގެ އުދުވާނީ ބާރަކާ ގުޅިގެން ދިން ހަމަލާއިން ދިވެހި ޤައުމު ސަލާމަތްވުމުގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

ރިއެކްޝަންސް

ކޮމެންޓް