ނަސްރުގެ ދުވަހާ ގުޅިގެން މާދަމާ މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން، މާދަމާ (ނޮވެމްބަރު 3) މާލޭގެ ބައެއް މަގުތަކާއި ފަޅާއި ކަނޑުގެ ސަރަހައްދު އެކި ވަގުތުތަކުގައި ބަންދުކުރުމަށް ނިންމައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ބަންދުކުރާނީ ޖުމްހޫރީ މައިދާނާއި ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކާއި، އެ ސަރަހައްދުގެ ފަޅާއި ކަނޑުގެ ސަރަހައްދެވެ.

ފުލުހުން ބުނި ގޮތުގައި، ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދާ ގުޅިގެން މާދަމާ ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެއެވެ.

އަދި ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކުރުމުގެ ރަސްމިއްޔާތާ ގުޅިގެން، ފަތިހު 04:00 އިން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ.

މިލިޓަރީ ޑިސްޕްލޭއާ ގުޅިގެން، މެންދުރުފަހު 13:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން، އެ ސަރަހައްދުގެ ފަޅާއި ކަނޑުގެ ސަރަހައްދު ބަންދުވާނެއެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާއާ ގުޅިގެން، ހަވީރު 18:30 އިން ފެށިގެން ޖަލްސާ ނިމެންދެން ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅުވެސް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ބަދަލުތަކުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް