ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިލްވާން އަވަހާރަވީ ސްޓްރޯކެއް ޖެހި، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިލްވާން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ކުރެއްވީ ޖެނުއަރީ 2014 އިން ފެބުރުއަރީ 2015 އަށެވެ. ދިރާގުން ކުރި ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ، 1988 ވަނަ އަހަރު އެ ކުންފުނި އުފެދުނު ދުވަސްވަރުން ފެށިގެން އެކި ފަހަރު މަތިން ބޯޑު މެންބަރެއްގެ ގޮތުގައާއި، އެންމެ ފަހުން ޗެއާޕާސަންގެ ގޮތުގައި ރިލްވާން ދިރާގަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.
ރިލްވާން ވަނީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވަނީ ފުރުއްވާފައެވެ. އަދި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ޑިރެކްޓަރުގެ މަގާމުވެސް ވަނީ އަދާކުރައްވާފައެވެ.
އޭނާ ވަނީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ދިގު މުއްދަތަކަށް ފުރުއްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުގެ މަގާމުވެސް ރިލްވާން ވަނީ ފުރުއްވާފައެވެ.
ރިލްވާން ވަނީ އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އާރުއެމްއައިޓީ ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.
ރިލްވާން އަވަހާރަވުމާ ގުޅިގެން ދިރާގުން ވަނީ އޭނާގެ އާއިލާއަށާއި އޭނާގެ ލޯބި ލިބިފައިވާ މީހުންނަށް ތައުޒިޔާ ފޮނުވާފައެވެ.




