ޖޭއެސްސީ ޖަވާބުދާރީކުރުވަން ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ބޭރުކޮށްލައިފިއެވެ.

މި ގަރާރު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. މިއީ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށާއި، ފާސްނުވެއްޖެ ނަމަ ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރި ފަހުން ހުށަހެޅި ފުރަތަމަ ގަރާރެވެ.

ގަރާރަށް ބަހުސްކުރަން ފެނޭތޯ ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ތެރެއިން ބަހުސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ އެންމެ ހަތް މެންބަރުންނެވެ. ނުފެންނަ ކަމަށް 28 މެންބަރުން ވޯޓުދެއްވުމުން ގަރާރު ވަނީ މަޖިލީހުގެ ތަޅުމުން ބޭރުވެފައެވެ.

ގަރާރުގައިވާ ގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުލުހަށް ހުށަހެޅި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލިއިރު، ތިން ފަނޑިޔާރުން ވެސް ޖިނާއީ ކުށެއް ކުރައްވައިފައިވާ ކަމަށް ބެލެވެން ނެތުމުން ފުލުހުން އެ މައްސަލަ ފައިލްކޮށް، ތިން ފަނޑިޔާރުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ނިންމާފައިވެއެވެ.

އެހެންކަމުން، ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ޖިނާއީ ކުށެއް ހިނގައިފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ޖޭއެސްސީން ފަނޑިޔާރުން ވަކިކުރީތީ، އެކަމުގެ ޒިންމާ ޖޭއެސްސީން އުފުލައި، އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގަރާރުގައި ވެއެވެ.

ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރާއި ޙުސްނުއްސުޢޫދު މަގާމުން ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ގައެވެ. އެ މައްސަލައިގައި ސުޢޫދު އިސްތިއުފާ ދެއްވިއިރު، މިދިޔަ އަހަރު މަޖިލީހުން ވަނީ އަޒްމިރާލްދާއާއި މަހާޒް މަގާމުން ވަކިކޮށްފައެވެ.

ނަމަވެސް، އެ ބޭފުޅުންނަށް ތުހުމަތުކޮށް ފުލުހުން ބަލަން ފެށި މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވިދާނެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ނިންމައި، ދެ ބޭފުޅުންގެ މައްސަލަ ފައިލްކޮށްފައިވާކަން ފުލުހުން އެންގީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ.

ރިއެކްޝަންސް

ކޮމެންޓް