ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ހާއްސަ ނަފްސާނީ ހާލަތްތަކުގައި ތިބޭ ކުދިންނަށް ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރެވޭ ގޮތަށް "ހޯމް ސްކޫލިން" ތައާރަފްކުރުމަށް ތައުލީމީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަންނަން ވޯޓު ދެއްވީ 41 މެންބަރުންނެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ކުއްޖާގެ އުމުރުގެ ވީހާވެސް ޅަފަތުގައި، ކުއްޖާގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް އެހެން ކުދިންނާ ތަފާތުކުރުމެއް ނެތި އެންމެ ރަނގަޅު ފެންވަރުގެ ތައުލީމު ކަށަވަރުކޮށްދިނުމެވެ. އެގޮތުން، ކުދިންގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ސްކޫލަށް ހާޒިރުނުވެވޭ ކުދިންނަށް ގޭގައި ތިބެގެން އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އުސޫލުތަކާއި ޝަރުތުތައް ގާނޫނުގައި ބަޔާންކުރުމަށް ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން، ދަރިވަރުންގެ އަސާސީ ބޭނުންތައް ފުއްދައިދީ، ކާނާއާއި ހަމަ ނިދި ކަށަވަރުކުރުމުގައި ބެލެނިވެރިންގެ ދައުރު ބަޔާންކުރުމާއި، ސްކޫލް ގަޑީގައި ނާސްތާ ލިބުމަށް ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ހިލޭ ނާސްތާ ފޯރުކޮށްދިނުމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އަދި މުދައްރިސުންނަށް އިހްތިރާމްކުރުމުގެ އާދަ އަށަގެންނެވުމާއި، ސްކޫލުގެ އަމާންކަން ގެއްލޭފަދަ ކަންކަމުގައި ބައިވެރިނުވުމަށް ދަރިވަރުންނަށް ބާރުއެޅުމުގެ މާއްދާތައްވެސް މި ބިލުގައި ހިމެނެއެވެ.




