އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް އަރުވަން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ.
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި މި ހުށަހެޅުމާ އެއްގޮތަށް، މިދިޔަ އަހަރު ވެސް މެންބަރުންނަށް ބަޖެޓު ބަހުސަށް ދިނީ 15 މިނެޓެވެ. އަދި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ رިޕޯޓަށް ބަހުސްކުރަން 7 މިނެޓު ދިނުމުގެ އިތުރުން، މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓުގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
59.7 ބިލިއަން ރުފިޔާގެ ބަޖެޓު:
-
ޖުމްލަ ބަޖެޓު: އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރުގެ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
-
ރިކަރަންޓް ޚަރަދު: ބަޖެޓު ކުޑަވި ނަމަވެސް ހިންގުމުގެ ޚަރަދު (ރިކަރަންޓް) ވަނީ 42.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިއަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއަށްވުރެ 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
-
އެންމެ ބޮޑު ބަޖެޓެއް: އަންނަ އަހަރު އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ. އެއީ 10.2 ބިލިއަން ރުފިޔާއެވެ.




