ބާރުސްޕީޑުގައި ނުރައްކާތެރިކޮށް ހަލިމަގުން ދުއްވާފައި އައި ސައިކަލެއް ފުލުހުންގެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓްވުމަށްފަހު، އެ ސައިކަލު ދުއްވަން އިން މީހާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ނުރައްކާތެރިކޮށް ދުއްވާފައި އަންނާތީ މަޑުކުރަން ފުލުހުން އެންގުމުންވެސް މަޑުނުކޮށް ދާން އުޅުމުގެ ތެރޭގައި ފުލުހުންގެ ބެރިކޭޑުގައި ޖެހި ހިނގި އެކްސިޑެންޓަށްފަހުއެވެ. އެކްސިޑެންޓަށްފަހު ފުލުހުން އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ބޮޑު ރަބަރު ޕެކެޓެއްގެ ތެރެއިން އިތުރު 8 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.
މި މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކުރުމުން، އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ކޯޓުގައި ވަނީ އިއުތިރާފްވެފައެވެ. އަދި އޭނާގެ އަތުން ފެނުނީ އަމިއްލައަށް ބޭނުންކުރުމަށް ގެންގުޅުނު ދެ ޕެކެޓް ކަމަށް ކޯޓުގައި އޭނާ ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.




