މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެށުނު ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް މިހާތަނަށް 205،000 އަށްވުރެ ގިނަ ފަރާތްތަކުން ޒިޔާރަތްކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ. އެއީ ދުވާލަކަށް ބަލާނަމަ ގާތްގަނޑަކަށް 41،000 މީހުންނެވެ.
ޖުމްލަ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި މަޢުރަޒުގެ ފަހު ދުވަހަކީ މިއަދެވެ. މަޢުރަޒު ނިންމައިލުމުގެ ގޮތުން، އެކި މުބާރާތްތަކުން ފާހަގަކޮށްލެވުނު ފަރާތްތަކަށް ހައްގުވާ އިނާމުތައް މިއަދު ދެވިގެންދާނެ ކަމަށް ބީސީސީން ބުނެއެވެ.
ކުރީ ދުވަސްތަކެކޭ ވެސް އެއްފަދައިން މިއަދު ވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް މަޢުރަޒުގެ އެކި އައިޓަމްތައް ބެލުންތެރިންނަށް ހުޅުވާލެވިފައި އޮންނާނެއެވެ. އެންމެ ފަހު ދުވަހުވެސް، ސަގާފަތާއި ތާރީޚާ ގުޅިފައިވާ ބޮޑުބެރުގެ ހަރަކާތްތަކާއި ޖޯޝްގަދަ ނެށުންތަކުގެ އިތުރުން، އާއިލާތަކާއި ކުޑަކުދިން ބައިވެރިވާނެ ޚާއްސަ ހަވީރެއް އޮންނާނެއެވެ.
މި އަހަރުގެ މަޢުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުމެއް ދައްކާލާފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅައިބަލާއިރު 83.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ބައިވެރިންގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ 321 އަމިއްލަ ފަރުދުންނެވެ. މީގެ އިތުރުން 75 ވިޔަފާރިއަކާއި، ޚާއްސަ އެހީއަށް ބޭނުންވާ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ މުއައްސަސާތަކާއި، ޖަމްޢިއްޔާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް މި މަޢުރަޒުގައި ބައިވެރިވިއެވެ.
މަޢުރަޒު ބަލައިލުމަށް ގިނަ އަދަދެއްގެ ދިވެހިންގެ އިތުރުން ރާއްޖޭގައި ތިބި ބޭރުގެ ފަތުރުވެރިންވެސް ވަނީ ޒިޔާރަތްކޮށްފައެވެ. މިކަމުގެ ސަބަބުން، ވިޔަފާރިތަކަށް ފަތުރުވެރިކަމުގެ ދާއިރާއަށް ތަކެތި ތަޢާރަފުކުރުމަށާއި، އައު ކަސްޓަމަރުންގެ އިތުރުން އިންވެސްޓަރުން ހޯދުމަށް ފަހި ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާކަން ބީސީސީން ފާހަގަކުރިއެވެ.




