މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ހަތަރު ވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ކ.މަނިޔަފުށީގައި ފަށައިފިއެވެ.
ކ.މަނިޔަފުށި ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދާ މި ކޯހުގައި ޖުމްލަ 12 ބައިވެރިން ހިމެނެއެވެ. މިއީ 2026 ވަނަ އަހަރު މި ސިލްސިލާގެ ދަށުން ހިންގޭ 4 ވަނަ ކޯހެވެ.
ކޯހުގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމާ ގުޅޭ މައުލޫމާތު ދެވޭނެއެވެ. އަދި އާލާކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މެރިކަލްޗަރ މަސައްކަތްތައް ކުރުމާ ގުޅޭގޮތުން ވެސް މައުލޫމާތު ދެވޭނެއެވެ.
މީގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. މީގެ ތެރެއިން ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދެއެވެ.
ވަރލްޑް ބޭންކުގެ އެހީތެރިކަމާއެކު ވުޒާރާއިން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން މި ތަމްރީނު ޕްރޮގްރާމް އިންތިޒާމުކުރަނީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ފުޅާކުރުމަށް ބޭނުންވާ ޤާބިލު ދިވެހި ޒުވާނުން ތައްޔާރުކުރުމަށެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިކަލްޗަރގެ ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި މި ދާއިރާއިން މީހުން ބިނާކުރުމެވެ.
ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީކުރުމަކީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއްކަން މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.




